ފޭކް ޓްރޭޑްމާކް ބޭނުންކުރާނަމަ ދެ މިލިއަނާ ހަމައަށް ޖޫރިމަނާކޮށް ދައުލަތަށް މުދާ ނެގެގޮތަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓްރޭޑްމާކްގެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓަރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ރާއްޖޭގައި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާކާއި ރަޖިސްޓަރީކޮށްފައިނުވާ ޓްރޭޑްމާކާ ގުޅިގެން، ޓްރޭޑްމާކަށާއި އޭގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުމެވެ. އަދި ގާނޫނާހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކާއި، ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދެވޭ ފަރުވާ ކަނޑައެޅުންވެސް ހިމެނެއެވެ.
މި ބިލުގައި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމާއި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމުން ލިބޭ ހައްގުތަކާއި އެ ހައްގުތައް ކަށަވަރު ކުރެވޭނެ ގޮތްތައް ވަނީ ކަނޑައަޅައިފައެވެ.
ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމުން ލިބިދޭ ހައްގުތަކުގެ ދާއިރާގެ ގޮތުގައި، އެ މާކް އާއި އެ މާކް ޖަހާފައިވާ މުދާ ނުވަތަ ހިދުމަތަކީ، އެ މާކްގެ ވެރިފަރާތް ނުވަތަ ލައިސަންސް އޮތް ފަރާތް ނޫން އެހެން ފަރާތަކުން ބޭނުންކުރުން ހުއްޓުވުމާއި އެއާ ގުޅޭ ސިފަތަކާއި ފާހަގަތައް އެހެން ފަރާތަކުން ބޭނުންކުރުން ހުއްޓުވުން ހިމެނެއެވެ.
މި ބިލުގެ ދަށުން ޓްރޭޑްމާކް ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ހިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ.
ޓްރޭޑްމާކް ރަޖިސްޓްރީ ކޮށްދިނުން މަނާ ހާލަތްތަކެއްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތައް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައިވެސް މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ.
ޓްރޭޑްމާކްގެ ހައްގަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ ބޮޑެތި އަދަބުތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ޓްރޭޑްމާކެއްގެ ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި ޓްރޭޑްމާކާ ގުޅޭ ހައްގަށް އަރައިގަތުން ހުއްޓުވައި އެ ހައްގުތައް އަނބުރާ ހޯދަން ހިނގާ ހަރަދު ހޯދައިދޭން ކަނޑައެޅިދާނެ ކަމަށް ބުނެފައިވެއެވެ.
މި ބިލުގައި ރާާއްޖޭގައި ކައުންޓަފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
ބިލްގައިވާގޮތުން މިފަދަ އަމަލެއް ކޮށްފި ފަރާތެއް 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާކް ނަކަލު ކޮށްގެން މުދަލެއްް، ނުވަތަ ފައިސާއެއް، ހޯދާފައިވާނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނެގުމަށް އަމުރު ކުރުމމުގެ އިހުރިޔާރު ކޯޓަށް ލިބގެންވާ ކަަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލަކީ ޓްރޭޑްމާކާ ގުޅޭ ހައްގަކަށް އަރައިގަންނަ މުދަލެއްކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި، މާކްގެ ވެރިފަރާތުން ކޯޓުގައި އެދިއްޖެނަމަ، އެ މުދާ ނައްތާލުން، ނުވަތަ ވިޔަފާރީގެ ބާޒާރުގެ އެންމެހާ މުއާމަލާތްތަކުން އެ މުދަލެއް ނެގޭނެކަމަށްވެސް ބިލްގައިވެއެވެ.
މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމާކްތައް އުވާލެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީވެސް ބިލު ތަސްދީގުކުރައްވާ ތާރީހުން ފެށިގެން 12 މަސްދުވަހުގެ ފަހުންނެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް