ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓާ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ. އާމިނަތު ޒާހިރުއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިއްޔެ ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީއެޗްޑީ ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑރ. އާމިނަތު ޒާހިރަށް ރައީސް ތަހުނިޔާ އަދާކުރެއްވިއެވެ.
އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ހިދުމަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށާއި އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުންގެންދަވާކަން ފާހަގަކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. އާމިނަތު ދެއްކެވި ވާހަކަފުޅުގައި، ރައީސް އާ ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސަށް ޝުކުރު ދެންނެވިއެވެ. އަދި މި ފުރުސަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސް ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީ އާއި ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ދިވެހިބަސް ކުރިއެރުވުމަށާއި ދިވެހިބަހުގެ ރޮނގުން މީހުން ބިނާ ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދެއްވާ އަހައްމިއްޔަތު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑރ. އާމިނަތުގެ އިލްމީ ދިރާސާގެ މައިގަނޑު މަގްސަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި އަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ.
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޑރ. އާމިނަތަށް ރައީސް ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވައިފައެވެ.
އާއިޝަތު މާހާ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް