ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑިޖިޓަލް ކަންޓްރީ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓާކާޑުން އެކަމުގެ އަގުވަޒަންކޮށް އެވޯޑެއް ދީފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑާޝިޕް" އިވެންޓެއްގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއާ ހަވާލުކޮށްދެއްވީ މާސްޓާކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖާ ސަންދުން ހަޕުގޮޑާއެވެ.
"މާސްޓާކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީ އާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިގްތިސޯދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެކެވެ،" ބީއެމްއެލުން ބުންޏެވެ.
މިއަހަރުގެ އޮގަސްޓު މަހު ހޯމްލޭންޑް މިނިސްޓްރީ އާއި މާސްޓާކާޑާއި ބީއެމްއެލްއާ ދެމެދު ސޮއިކުރި "ޑިޖިޓަލް ކަންޓްރީ ޕާޓްނާޝިޕް" އަކީ، ރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށާއި ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓާކާޑް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އަދި ބީއެމްއެލުން ބުނީ 2002 ވަނަ އަހަރު މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ވުމަށް ފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް މާސްޓާކާޑާ ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އީޖާދީ "ސްމާޓް ސިޓީ" ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފައިވާކަން ބީއެމްއެލުން ފާހަގަ ކުރިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް