ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހްއެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ދ، ށ، ނ، ތ، ލ، ގއ، ރ، ބ، ހއ، ހދ، ވ، ގދ އަދި ށ. އަތޮޅުގެ ޖުމުލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
އެގޮތުން، އެ ރަށްތަކުގައި ޕާކު ތަރައްގީކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ ސަރުކާރުގެ އެފަދަ ޕްރޮޖެކްޓުތަކަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށްއޮތްތަނުގައިވެސް މުޖުތަމައަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ