ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ)އިން ރާއްޖެއަށް ފެން ހިންދާ ހަ ޕަމްޕު ހަދިޔާކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް ހުޅުމާލޭ ސެންޓަރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަވަޑައިގެންނެވި ކަމަށެވެ.

އެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ސީއެމްއީސީގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖާ ލިއު ޝިޔައޮޑާއެވެ. އެތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

10 ނޮވެމްބަރު 2025، ޗައިނާ މެޝިނަރީ އިންޖިނިއަރިން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ)އިން ރާއްޖެއަށް ހަދިޔާކުރި ފެން ހިންދާ ހަ ޕަމްޕާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެ ކުންފުނިން ހަދިޔާކުރި ހަ ފެން ހިއްދާ ޕަމްޕު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސީއެމްއީސީއަކީ ރާއްޖޭގައި މިހާރުވެސް ގިނަ އުމްރާނީ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.