މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މިއީ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ.
އެމްޕީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕްރެންޓިސް ޕްރޮގްރާމް ފެށި އިރު، އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޖަވާޒު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޕީއެލުން މިއަދު ބުނީ ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި 20 މީހަކު މިއަހަރު ބައިވެރިވާނެ ކަމަށެވެ. އެ ބައިވެރިންނަށް އޮފާ ލެޓާ ހަވާލުކޮށްދެއްވީ ޖަވާޒެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަވާޒު ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމްޕީއެލްއަކީ ނަމޫނާ ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަން ދެމުންދާ ކަމަށެވެ.
"ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިހާތަނަށް ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން 72 އިންސައްތަ ބައިވެރިންނަށް ވަޒިފާގެ ފުރުސަތު ލިބިފައިވޭ،" ޖަވާޒު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެފަދަ ޝައުގުވެރިކަން ހުންނަ މީހުންނަށް ތަމްރީނު ފޯރުކޮށްދިނުން ކަމަށް ރިޝްވާން ވިދާޅުވިއެވެ.
"ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލު ކުދިންނަށް އެމްޕީއެލުން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ،" ރިޝްވާން ވިދާޅުވިއެވެ.
އެމްޕީއެލްގެ މި ޕްރޮގްރާމަކީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5,000 ރުފިޔާގެ އެލަވަންސެއް ލިބިގެންދާނެއެވެ.
އެމްޕީއެލުން މީގެ ކުރިން ކުރިއަށްގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމްތަކުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން 200 އަށްވުރެ ގިނަ ބައިވެރިން މިހާރު މަސައްކަތް ކުރަމުންދަނީ އެމްޕީއެލްގައެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް