ރާއްޖޭގެ ވިޔަފާރިތަކަށް ބީއެމްއެލުން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) އެއް ޕަސެންޓަށް ކުޑަކޮށްފިއެވެ.

މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.

ބީއެމްއެލުން ބުނީ މިއީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލުން ޑެބިޓް ކާޑުގެ ހިދުމަތް 2000 ވަނަ އަހަރު ތައާރަފުކުރި ފަހުން މިހާތަނަށްވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ 2.5 ޕަސެންޓުގެ ސްޓޭންޑާޑް ރޭޓެއްގައެވެ.

މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މިއީ މިހާރު ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ މުހިންމު ބަދަލެއް ކަމަށް ބީއެމްއެލުން ދެކެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.

"އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ އެއް ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން" ޝަރީފް ވިދާޅުވިއެވެ.

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލުން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފައެވެ.

ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

"އެ ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް." ބީއެމްއެލުން ބުންޏެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި ބަދަލުތަކުގެ އިތުރުން، ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފައެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާ އިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އޭގެ އިތުރުން ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭނެ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެއެވެ.

ބޭންކުގެ ހިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އަމާޒުކޮށްފައިވާ މި ފިޔަވަޅުތަކުން ދައްކުވައިދެނީ، ގައުމީ ހިދުމަތުގައި 43 ހޭދަކޮށްފައިވާ ބީއެމްއެލް އަކީ ހުރިހާ ދާއިރާއެއްގެ ދިވެހިންނަށްވެސް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއް ކަމެވެ.