ބާރުގަދަ ތޫފާނެއް ފިލިޕީންސްއަށް އަރައިފިއެވެ.

ބާރުގަދަ ތޫފާން ''ފުންގް ވޮންގް'' ފިލިޕީންސްއަށް އަރާފައިވާ އިރު، އެ ތޫފާން އެރި ސަރަހައްދުން މިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތޫފާން ''ފުންގް ވޮންގް'' ފިލިޕީންސްގެ ލޫޒޮންގެ އައުރޯރާ ޕްރޮވިންސަށް އަރައި އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތޫފާނުގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާ އިރު، ރެސްކިއު ޓީމުތަކުން ދަނީ ތޫފާން އެރި ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޮފިޝަލުން ބުނީ ތޫފާން ''ފުންގް ވޮންގް'' ފިލިޕީންސް އަށް އަރާފައިވާ އިރު، ގަޑިއަކު 185 ކިލޯ މީޓަރުގެ ބާރުމިނުގައި ވައި ޖެހޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 230 ކިލޯމީޓަރަށް ވައިގެ ބާރު ހުންނަ ކަމަށެވެ.

ފިލިޕީންސްގެ މޫސުމާބެހޭ އިދާރާއިން ވަނީ ތޫފާން ''ފުންގް ވޮންގް''ގެ ނުރައްކާ ކުރިއަށްއޮތް ދެ ދުވަހަށް އޮތް ކަމަށް ލަފާކޮށް، ތޫފާން ދަތުރުކުރާ ސަރަހައްދުގެ އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފައެވެ.

ފިލިޕީންސްއަށް ތޫފާން ''ފުންގް ވޮންގް'' އަރާފައިވާ އިރު ،މިދިޔަ ހަފްތާގައި އެގައުމަށް އެރި ތޫފާން ކަލްމޭގީ ގައި 200 އެއްހާ މީހުން މަރުވެފައިވެއެވެ.