އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ވަނީ އެ ކޮމިޝަނުގެ މިއަހަރުގެ ކުއާޓަރު އެކެއް އަދި ކުއާޓަރު ދޭއްގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ކުއާޓަރު އެކެއްގައި ވަނީ ޕްރޮކިއުމެންޓުތަކާ ގުޅުންހުރި 43 މައްސަލައެއް ހުށަހަޅައިފައެވެ. އަދި ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅޭ 16 މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ހުށަހަޅާފައިވާ އިރު، ވަޒީފާއާ ގުޅުންހުރި ނުވަ މައްސަލައަކާއި ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި ނުވަ މައްސަލައެެއް ވަނީ ހުށަހަޅައިފައެވެ.

އޭސީސީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ކުއާޓަރު އެކެއްގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ 53.8 ޕަސަންޓް ހުށަހަޅާފައިވަނީ އަތޮޅުތަކުންނެވެ. މާލެއިން ހުށަހަޅާފައިވަނީ 46.2 ޕަސަންޓެވެ.

ކުއާޓަރު ދޭއްގެ ތަފާސްހިސާބުގައިވާ ގޮތުން ޕްރޮކިއުމެންޓާ ގުޅުންހުރި 30 މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅައިފައެވެ. ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅޭ 14 މައްސަލައެއް ކުއާޓަރު ދޭއްގައި ހުށަހަޅާފައިވެއެވެ. ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި 13 މައްސަލައެެއް ކުއާޓަރު ދޭއްގައި ހުށަހެޅިއިރު ވަޒީފާއާބެހޭ އަށް މައްސަލައެއް ކުއާޓަރު ދޭއްގައި ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރެއިން 63.1 ޕަސަންޓަކީ އަތޮޅުތަކުން އަދި 36.9 ޕަސަންޓަކީ މާލެއިން ހުށަހަޅާފައިވާ މައްސަލަތައްކަމަށް އޭސީސީގެ ތަފާތުހިސާބުގައި ބަޔާންކޮށްފައިވެއެވެ.

ކުއާޓަރު އެކެއްގައި ދައުލަތުގެ އިދާރާތަކަށް ނަގައިދެވުނު ކޮރަޕްޝަން ޕްރިވެންޝަން ދެ ޕްރޮގްރާމެއްގައި 141 މީހަކު ހޭލުންތެރިކޮށްފައިވެއެވެ. އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަ ވޯކްޝޮޕަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި 125 މީހުން ކުއާޓަރު އެކެއްގައި ހޭލުންތެރިކޮށްފައިވާ ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުއާޓަރު އެކެއްގައި ވަނީ ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމަށް އަހުލުވެރިކުރުމުގެ އެއް ވޯކްޝޮޕެއްގައި 61 މީހުން ހޭލުންތެރިކޮށްފައި ކަމަށެވެ.

ކުއާޓަރު ދޭއްގައި ދައުލަތުގެ އިދާރާތަކަށް ނަގައިދެވުން ކޮރަޕްޝަން ޕްރިވެންޝަން އެއް ޕްރޮގްރާމެއްގައި 68 މީހުން ހޭލުންތެރިކޮށްފައިވާކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަތަރު ވޯކްޝޮޕަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި 93 މީހުން ހޭލުންތެރިކޮށްފައިވާނެ ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.