ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ ފަރާތަކަށް ވެސް ލޯނު ދޫކުރާނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން އެހެން ބުނެފައި މިވަނީ، ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ބީއެމްއެލްގެ އުސޫލުތަކާ ހިލާފަށް އެ ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދިއުމާ ގުޅިގެންނެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުގެ ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ކަމަށެވެ.

އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކު ކަމަށާއި އެކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށެވެ. އަދި ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައް ކަމަށް ބީއެމްއެލުން ބުންޏެވެ.

"އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެއެވެ..،" ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ.

އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާއަށްވެސް ބަލާނެ ކަމަށާއި ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާ ކަމަށެވެ. އަދި ލޯނު ދޭނީ އަންޑާ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

"މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެއެވެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެއެވެ..،" ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށެވެ.

ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ނޯންނަ ކަމަށާއި އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިއަށް އޮތްތާނގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނު އިރު، ބޭންކުގެ ޖުމުލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވާ ކަމަށެވެ.

ބީއެމްއެލުން އެކި ދާއިރާތަކުން ދޫކުރި ލޯންތަކުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރި ޖުމުލަ އަދަދުތަކަކީ؛

  • ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
  • އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
  • އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
  • ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
  • ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
  • އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ

ބީއެމްއެލުން ބުނީ އެ އަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުން ކަމަށާއި ބީއެމްއެލްއަކީ ރާއްޖޭގެ ތަރައްގީ އާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

"އެހެނަސް މި ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަނަންސް އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ..،" ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން އިތުރަށް ބުނީ އެ ބޭންކާ ގުޅޭގޮތުން އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދައި، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި އެ ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ދަންނަވާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.