ޖީ20 ސަމިޓު ބޮއިކޮޓް ކުރަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓުގައި އެ ގައުމުން ބައިވެރި ނުވާނެކަން އިއުލާންކުރައްވައިފައެވެ.

ޓްރޫތް ސޯޝަލްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު އެފްރިކާގައި އެ ސަމިޓް ބޭއްވުމަށް އެއްބަސްވެވެން ނެތް ކަމަށް ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އެ ސަމިޓަށް ފޮނުވުމަށް ކުރިން ނިންމާފައިވީ ނަމަވެސް އެއްވެސް އޮފިޝަލަކު ބައިވެރިނުވުމަށް މިހާރު ވަނީ ނިންމައިފައެވެ.

ޓްރަމްޕް ވިދާޅުވީ އެފްރިކާގައި ގަތުލުއާންމުތައް ހިންގަމުންގެންދާ ކަމަށާއި އެމެރިކާ ސަރުކާރުގެ އެއްވެސް އޮފިޝަލަކު އެ ސަމިޓުގައި ބައިވެރިނުވާނެ ކަމަށެވެ.

މިމަހުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ޖޮހޮނަސްބާގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓު އެމެރިކާއިން ބޮއިކޮޓް ކުރަން ނިންމި ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްވެރިން ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.