އިންޑޮނޭޝިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފިއެވެ.

އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ސްކޫލް ކޮމްޕްލެކްސްއެއްގައި ހުރި އެ މިސްކިތުގައި ބޮން ގޮއްވާލި ހާދިސާގައި 50 މީހަކަށް އަނިޔާވިއެވެ.

އެ ހާދިސާގައި އަނިޔާވި ގިނަ މީހުންނަކީ އެ ސްކޫލުގެ ދަރިވަރުން ކަމަށާއި އެ ދަރިވަރުންގެ ތެރެއިން ބައެއް ކުދިންނަށް އެކިވަރުގެ އަނިޔާވެފައިވާ އިރު، ބައެއް ކުދިންގެ ހަށިގަނޑު ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ އިއްޔެ ހިނގައިދިޔަ އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި މިހާތަނަށް އެއީ ދަރިވަރަކު ގޮއްވާލި ބޮމެއް ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެ ބޮން ގޮއްވާލި ސަބަބު ހޯދުމަށް އިތުރު ތަހުގީގެއް ވެސް ފަށާފައިވާކަމަށް ފުލުހުންގެ ވެރިޔާއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ވަނީ އެ ހާދިސާ ހިނގުމާއެކު ބޮން ނައްތާލާ ހާއްސަ ޓީމެއް އެ ސަރަހައްދަށް ފޮނުވައި ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ބޮމަކީ އެ ސްކޫލުގެ އުމުރުން 17 އަހަރުގެ ދަރިވަރަކު އޭނާއަށް ބުލީކުރާކަމަށް ބެލެވޭ ކުދަންތަކަކާ ދެކޮޅަށް ގޮއްވާލި ބޮމެކެވެ.