މި ސަރުކާރުން ދަރަނީގެ ގޮތުގައި މިހާތަނަށް އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކާފައިވާނެ ކަމަށާއި މިއަހަރުގެ ފުރަތަމަ 40 ހަފުތާގެ ތެރޭގައި ސަރުކާރު ހިންގާފައިވާނީ ފިސްކަލް ސާޕްލަސްއެއްގައި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ މާލިއްޔާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ނަމަވެސް އެ މަނިކުފާނު ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅުއްވައިގެން، މިހާރު މިދަނީ ހަމަމަގަށް އެޅެމުން ކަމަށެވެ.

"މިގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހި ސަރުކާރަށް ވާރުތަވި ދަރަނީގެ ތެރެއިން އެކްސްޓާނަލް ޑެޓްގެ ގޮތުގައި ދަރަންޏާއި ދަރަނީގެ ޕްރިންސިޕަލް އެމައުންޓާއި އިންޓަރެސްޓާއެކުގައި އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ އަދާކުރައްވައި ނިންމަވާފައި. އަދި މިއަހަރުގެ ފުރަތަމަ 40 ހަފުތާ ސަރުކާރު ހިންގާފައިވާނީ ފިސްކަލް ސާޕްލަސްއެއްގައި. މިއާއެކު ގިނަ އަހަރުތަކަކަށްފަހު 2025 ވަނަ އަހަރު ބަޖެޓުގެ ޑެފިސިޓް، ސިންގަލް ޑިޖިޓަށް ކުޑަވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ކުރީ ސަރުކާރުން އެސްޑީއެފް ބޭނުންކުރީ ބަޖެޓު ޑެފިސިޓް ފައިނޭންސްކޮށްގެން ނަތީޖާއެއް ނެތް ހަރަދުތަކަށް ކަމަށާއި ނަމަވެސް މި ސަރުކާރުން ވަނީ އެ ފަންޑު އަލުން ބިނާކޮށް، ބޭރު ފައިސާއިން ބަލަހައްޓާ ގޮތަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެ ފަންޑުގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ ނަގުދު ފައިސާ މިވަގުތު އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ހިނގާ އަހަރުގެ ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސަންޓަށް އުފުލިގެންދާނެ. މި އިގުތިސާދީ ހަރަކާތްތައް ރަނގަޅުވުމަކީ ޒިންމާދާރު ފިސްކަލް މެނޭޖުމަންޓުގެ ނަތީޖާ. ދިވެހިރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖެއިން ބައިނަލްގުވާމީ އިތުބާރު އަލުން ގާއިމުކޮށް، އެކުވެރި ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދާފައިވާ ކަމަށާއި ރާއްޖެއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށާފައި ކަމަށެވެ. އަދި މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް މިހާރު ހަވާލުކުރަނީ އެކަން ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.