ބަންގްލަދޭޝްގައި ޖެޓު ވެއްޓުނީ ޕައިލެޓުގެ މައްސަލައަކުން ކަމަށް ތަހުގީގުން ހާމަވެއްޖެއެވެ.

މިދިޔަ ޖުލައިި މަހު ބަންގްލަދޭޝްގައި ހަނގުރާމަމަތީ ޖެޓެއް ސްކޫލެއްގެ މައްޗަށް ވެއްޓި ހިނގި ހާދިސާގައި އެގައުމުގެ ސަރުކާރުން ވަނީ ތަހުގީގުކުރުމަށް އެކުލަވާލި ކޮމެޓީގެ ރިޕޯޓު ނެރެފައެވެ.

އޮފިޝަލުން ބުނީ އެގައުމުގައި ހިނގައިދިޔަ އޭވިއޭޝަން ދާއިރާގެ އެންމެ ބޮޑު އެ ހާދިސާގައި 36 މީހުން މަރުވެފައިވާ އިރު، ފްލައިޓު ވެއްޓުނީ ކިޔަވައިދެމުން ދިޔަ ސްކޫލެއްގެ މައްޗަށް ކަމަށެވެ.

ތަހުގީގުކުރި ޓީމުން ނެރުނު ރިޕޯޓުގައިވާގޮތުން އެ ފްލައިޓަކީ ޓްރެއިނިން މިޝަންއެއްގައި ދަތުރު ފެށި ޖެޓެއް ކަމަށާއި އެ ޖެޓު ނައްޓާލުމާއެކު ޕައިލެޓަށް ހެދުނު ގޯހަކުން ފްލައިޓަށް މެކޭނިކަލް މައްސަލައެއް ކުރިމަތިވިއެވެ.

ރިޕޯޓުގައިވާގޮތުން ޖެޓަށް މައްސަލަ ކުރިމަތިވުމާއެކު މީހުން އުޅޭ ސަރަހައްދާ ދުރަށް ޖެޓު ދަތުރުކުރުމުގެ މަސައްކަތް ޕައިލެޓު ކުރި ނަމަވެސް ޖެޓު ވެއްޓިފައިވަނީ ސްކޫލުގެ މައްޗަށެވެ.

170 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ އެ ހާދިސާއަށްފަހު ބަންގްލަދޭޝް ސަރުކާރުން ވަނީ އެއާފޯސްގެ ޓްރެއިނިންތައް ވެރިރަށް ޑާކާގެ ބޭރު ސަރަހައްދެއްގައި ކުރިއަށްގެންދިއުމަށް އަންގައިފައެވެ. އަދި މީގެ އިތުރުން އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ސްކޫލުތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން ގުދަންތައް ގާއިމު ނުކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.