އިގުތިސޯދީ ގޮތުން ރާއްޖެ ކުރިއަރައިގެން ދިއުމަށްޓަކައި ވަރުގަދަ މިލިޓަރީއެއް އޮތުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި ގާއިމްކޮށްފައިވާ އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމަށް ބޮޑެތި އިންވެސްޓްމަންޓުތައް އަންނާނީ އެގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އިންވެސްޓަރުންނަށް ގަބޫލުކުރޭނަމަ ކަމަށެވެ.
"އަޅުގަނޑުމެންގެ ކެޕޭސިޓީ ކޭޕެބިލިޓީ އެމަގުން ގާއިމްކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު އިތުރުވާ ވަރަކަށް ގައުމުގެ އިގްތިސޯދުވެސް ދާނީ ކުރިއަށް. އިގްތިސޯދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގައި ތަރައްގީވެފައިވާ ބައެއް ގައުމުތަކާއި އަރަބި ދުނިޔޭގައި ވެސް ތަރައްގީވެފައިވާ ގައުމުތައް ވެސް ތަރައްގީ ހާސިލްކޮށްފައި ވަނީ ވަރުގަދަ މިލިޓަރީއެއް ގާއިމްކޮށް އެމަގުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ނެޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރެވި އިސްލާމީ ވަހުދަތު ކަށަވަރުކުރެވިފަ އޮންނަ ގޮތަށް އަޅުގަނޑުމެންގެ ގައުމުގެ އިގްތިސޯދު ހުޅުވާލުމަށް މިކުރެވޭ މަސައްކަތުގައި މިގައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް ގާއިމްވެފަ އޮތުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،"
ރާއްޖޭގެ މިލިޓަރީ ވަރުގަދަ ކުރުމަށް ކޯސްޓްގާޑު ފްލީޓު ދެގުނަ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށާއި މެރިން ކޯގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށްވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަންތައްތައް ހާސިލްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި އޭގެ އިތުރުން ސިފައިންގެ އިންސާނީ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަން ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ގިނަ ކަންތައްތަކެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންގެ އިންސާނީ ވަސީލަތް އިތުރުކުރަމަށް ނެޝަނަލް ސާވިސް ޕްރޮގްރާމް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިއަދު ހުޅުވި އެއާ ސްޓޭޝަންގެ އިތުރު ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"2040 ވަނަ އަހަރާ ހަމައަށް ދާއިރު، ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި، މި ގައުމު ގުނާލެވޭނީ ހަމަ ޔަގީނުންވެސް، މި ގައުމުގައި ހުރިހާ ދާއިރާއަކުންވެސް، ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ، މިގޮތުން އަޅުގަނޑުމެން ހަމަ ދެންމެ ދަންނަވާލި ކަންކަން ކުރާ އަދި އިތުރު ކަންކަންވެސް ކުރުމަށް މަސައްކަތް ކުރާނެ އަހަރަކަށްވާނެ." ރައީސް ވިދާޅުވިއެވެ.
އެގޮތުން އެއާކޯއަށް، މިލިޓަރީ މަތިންދާބޯޓުތައް ހޯދުމަށް ނިންމައި، އެ މަސައްކަތް ފަށާފައިވާ ކަމަށާއި ސައިބާ ވޯފެއާ އާއި އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރުމާއި ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް އެމްއެންޑީފްގެ ގާއިމުކުރުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންވާ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްއެންޑީއެފްއަކީ ވަށައިޖެހިފައިވާ ހުރިހާ ގޮތަކުންވެސް، މި ޒަމާނުގެ ޓެކްނޯލޮޖީ ލިބިފައިވާ ހުރިހާ މާނައެއްގައިވެސް، މި ގައުމު ހިމާޔަތްކޮށް، މި ގައުމު ދިފާއުކުރުމަށް ޖެހޭ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް، އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ވައުދު އިރާދަކުރެއްވިއްޔާ، އެ ވަރުގަދަ އަޒުމާއެކު އެކަން ކާމިޔާބު ކުރާނެ ކަމެއް" ރައީސް ވިދާޅުވިއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު