މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ކުރީގެ ބޯޑު ޑިރެކްޓަރެއްގެ ފުލެޓް އަތުލާފައި ވަނީ ގޯސްކޮށް ނޫން ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގެ ޑިރެކްޓަރުންގެ ބޯޑަށް މި މައްސަލައިގައި ދައުވާކުރާ ފަރާތް ކަމަށްވާ އާއިޝަތު ޝާއިރާ ވަނީ 04 އޮގަސްޓު 2014 ވަނަ ދުވަހު އައްޔަންކުރައްވައިފައެވެ. 2018 ވަަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ވަނީ ކުންފުނީގެ މުވައްޒަފުންނަށް "އެމްޑަބްލިޔުއެސްސީ މުވައްޒަފުންގެ ހައުސިން ސްކީމް" ނަމުގައި ހައުސިން ސްކީމެއް ތައާރަފުކޮށް، ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
އެ ހައުސިން ސްކީމުގެ ދަށުން ތިން ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް އާއިޝަތު ޝާއިރާ ފޯމު ހުށަހެޅިއެވެ. އެ ފޯމު އިވެލުއޭޓު ކުރުމަށްފަހު ތިން ކޮޓަރީގެ ފުލެޓަށް އާއިޝަތު ޝާއިރާ ހޮވިފައިވާކަން އޭނާއަށް އެންގިއެވެ. އެމްޑަބްލިޔުއެސްސީން އެކަން އާއިޝަތު ޝާއިރާއަށް އެންގީ 2018 ވަނަ އަހަރުގެ 24 ވަނަ ދުވަހު ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ފުލެޓުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 332,790.00 ރުފިޔާ ދައްކަންޖެހޭކަން ބަޔާންކޮށްފައިވެއެވެ. އަދި ބުކިން ފީ އާއި އެޑްވާންސް ޕޭމަންޓު ދައްކާނެ ގޮތުގެ ޝެޑިއުލް ހިމަނައިފައިވެއެވެ. އެ ޝެޑިއުލްގައި ފައިސާ ދައްކަން ޖެހޭނެ މިންވަރާއި ފައިސާ ދައްކަންޖެހޭ އެންމެ ފަހުގެ ތަރީހު ބަޔާންކޮށްފައިވެއެވެ. އާއިޝަތު ޝާއިރާ ވަނީ ސިޓީގައިވާ ގޮތުގެ މަތިން 332،790.00 ރުފިޔާ 2018 ޖުލައި ތިންވަނަ ދުވަހު ދައްކައިފައެވެ.
ނަމަވެސް އާއިޝަތު ޝާއިރާ އާއި އެމްޑަބްލިޔުއެސްސީއާ ދެމެދު އެކަމުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން ކުންފުނީގެ ބޯޑުން އާއިޝަތު ޝާއިރާ ވަކި ކުރިއެވެ. އެހެންވެ އެމްޑަބްލިޔުއެސްސީން އާއިޝަތު ޝާއިރާއަށް އަންގާފައިވަނީ ފުލެޓަށް ކުރިމަތި މީހުންގެ ލިސްޓު ފައިނަލް ނުކުރާ ކަމަށާއި 2021 ޑިސެމްބަރު 04 ގެ ކުރިން ކުންފުނިން، ވަކިގޮތެއް އާއިޝަތު ޝާއިރާއަށް އަންގާފައިނުވާ ނަމަ ޑައުންޕޭމަންޓުގެ 20 ޕަސަންޓް އަނބުރާ ހަވާލުކުރާނެކަން އެމްޑަބްލިޔުއެސްސީން، އާއިޝަތު ޝާއިރާއަށް އެނގިއެވެ. އެއާއެކު އެމްޑަބްލިޔުއެސްސީން ވަނީ އިތުރު ދެ އޮޕްޝަނެއް އާއިޝަތު ހުށަހަޅައިފައެވެ.
އެގޮތުން ފުރަތަމަ އޮޕްޝަނަކީ ހިޔާ ސްކީމްގެ އެޕްލިކޭޝަން އަނބުރާ ގެންދިއުން ކަމަށާއި އެގޮތަށް ނިންމައިފިނަމަ ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކި ފުރިހަމަ އަދަދު އަނބުރާ ރައްދުކޮށް ދިނުމެވެ. ދެވަނަ އޮޕްޝަނަކީ ހިޔާ ސްކީމްއާ ގުޅޭ އުސޫލުގެ 11.4 ވަނަ މާއްދާގެ ދަށުން އަމަލުކުރުން ކަމަށާއި އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިނ،ް އެޕާޓްމަންޓުގެ އަގުގެ ގޮތުގައި ބާކީ ދައްކަންޖެހޭ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ނިންމުން ކަމަށެވެ.
ދެވަނަ އޮޕްޝަން އިހުތިޔާރުކުރާނަމަ ފްލެޓުގެ އަގުގެ ބާކީ 80 ޕަސަންޓުގެ ގޮތުގައި 1,331,160.00 ރުފިޔާ ތިން މަސް ތެރޭގައި ދައްކަން ޖެހެއެވެ.
ނަމަވެސް އާއިޝަތު ޝާއިރާ، އެމްޑަބްލިޔުއެސްސީއަށް އެންގީ ހިޔާފްލެޓް ގަތުމަށް ބޭނުން ވަނީ ކުރިން އެއްބަސްވެފައިވާ ގޮތުގެ މަތީން ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށާއި ދެ އޮޕްޝަން ވެސް ކަމުނުދާ ކަމަށާއި އެހެންވެ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް އެމްޑަބްލިޔުއެސްސީން އެންގީ އެފަދަ އިންތިޒާމެއް ހަމަޖައްސައިދެވެން ނެތް ކަމަށެވެ. އެހެންވެ އެމްޑަބްލިޔުއެސްސީ އާއި އާއިޝަތު ޝާއިރާއާ ދެމެދު ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވަނިކޮށް އާއިޝަތު ޝާއިރާ ދެއްކި ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރާނެކަން އެމްޑަބްލިޔުއެސްސީން އެންގިއެވެ.
އެކަމާމެދު ހިތްހަމަ ނުޖެހިގެން އާއިޝަތު ޝާއިރާ ވަނީ އެމްޑަބްލިޔުއެސްސީ އާއި އޭނާއާ ދެމެދު އެންމެ ފުރަތަމަ ވެވުނު އެއްބަސްވުމަށް އަމަލުކުރުމަށާއި ފުލެޓް އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ އާއިޝަތު ޝާއިރާއާ ދެކޮޅަށެވެ. އެހެންވެ އޭނާ ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ މައްސަލައިގެ ރައުޔުގައި ވިދާޅުވީ އެމްޑަބްލިޔުއެސްސީން އެންގިގޮތަށް އާއިޝަތު ޝާއިރާ ވަނީ އެޑްވާންސް ޕޭމަންޓާއި ބުކިން ފީ ދައްކައިފައި ކަމަށެވެ. އެހެންކަމުން އެމްޑަބްލިޔުއެސްސީ އާއި އާއިޝަތު ޝާއިރާއާ ދެމެދު އެއްބަސްވުމެއް އުފެދިފައިވާ ކަމަށް އާންމު އުސޫލުން ބަލަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވަނީ ތަފާތުކޮށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ފުލެޓަށް ހޮވުނުކަން އަންގައި ޑައުންޕޭމަންޓާއި ބުކިން ފީ ދެއްކުމަށް އަންގައި ފޮނުވި ސިޓީއާ އެއްގޮތަށް އާއިޝަތު ޝާއިރާ އަަމަލުކުރި ނަމަވެސް އެ ސިޓީގައި "އެޑްވާންސް ފައިސާ ދައްކައި ހަލާސް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ ކަމާއި މިސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަން" ކަމަށް ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އަދި ހަމަ އެ ސިޓީގައި "ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މި ސިޓީއާއެކު އެއްކަރުދާސް ކުރެވިފައިވާ އުސޫލުނ،ް ތިޔަ ފަރާތަށް ލިބޭނެ" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެ ފަރާތުން މަސައްކަތް ކުރަމުން ދިޔައީ އެއްބަސްވުމަކަށް ވާސިލުވުމަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އެއްބަސްވުމަކަށް އައުމަށް ދެފަރާތުން މަސައްކަތް ކުރި ނަމަވެސް އެފަދަ އެއްބަސްވުމަކަށް އާދެވިފައިނުވާކަން ލިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގައި ދެ ފަރާތުގަ ދެމެދުގައި އެއްބަސްވުމެއް ނުވާކަން ފާހަގަކުރައްވައި ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ރައުޔު ކަނޑައެޅުއްވިއެވެ.
އެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު އަބްދުއްމާނިއު ހުސައިން ތާއީދު ކުރެއްވުމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ޝަނީޒް ވިދާޅުވީ ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އާއިޝަތު ޝާއިރާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު