އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، ދަ ބާން ކޮންވެންޝަނަލް ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވޯކްސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދަ ބާން ކޮންވެންޝަނަލް ފޮ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވޯކްސް ވޯކްޝޮޕަކީ ރައްޖޭގެ ފަންނާނުގެ މަސައްކަތްތަކަށް ކޮޕީރައިޓްސް ހަރުދަނަކޮށް، ވާދަވެރި އުފެއްދުންތެރި އިގުތިސާދެއް ބިނާކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ސަފުހާއެއްް ކަމަށެވެ.

އެ މުއާހަދާގައި ހުށަހަޅަންޖެހޭ އިންސްޓްރޫމަންޓް އޮފް އެކްސެޝަން މިމަހުގެ ތިންވަނަ ދުވަހު ޖެނީވާގައި ހުންނަ ވޯލްޑް އިންޓާލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުން ދިވެހިންގެ އުފެއްދުންތައް، ވަކިން ހާއްސަކޮށް ލިޔުންތެރިން، ކުރެހުންތެރިން، މިއުޒިކް އުފައްދާ ފަރާތްތައް، އިލްމު އުފައްދާ ފަރާތްތައް އަދި އެހެނިހެން އުފެއްދުންތެރި ފަންނުވެރި އުފެއްދުންތަކާ އެއްފަދައިން، ހިމާޔަތާއި ރައްކާތެރިކަން ބާން ޔޫނިއަންގެ 181 ގައުމުން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިއީ 2030 އަހަރާ ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ، ގަމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު 15 ޕަސެންޓަށް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑަލަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމަކީ، ދިވެހިންގެ އުފެއްދުންތެރިކަން ރައްކާތެރިކުރުމާއި ގައުމުގައި އުފެއްދުންތެރި ސިނާއަތެއް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތްތައް ކުރިއެރުވުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމުގެ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ކޮޕީރައިޓާ ގުޅުންހުރި ބައިނަލްއަގުވާމީ މިންގަނޑުތައް ރާއްޖޭގައި ތަންފީޒުކުރަން ފެށުމުން، މުސައްނިފުންނާއި އުފެއްދުންތެރިންނާއި ފަންނާނުންނަށް ގާނޫނީ ހިމާޔަތް ލިއްބައިދީ، އީޖާދުކުރުމާއި ވަޒީފާ އުދެއްދުމާއި އިގުތިސާދީ ތަފާތު ދާއިރާތައް ތަރައްގީކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.