ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ކުރިމަތީ އޮންނަ މަގުގެ ބޮޑުވާ ސަރަހައްދު މަރާމާތުކޮށް ނިންމާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ގިނަ ދުވަސްވީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްދެބައިހިނގުމުގައި ހުންނަ އެމްއެންޔޫ ކުރިމަތިން އޮންނަ ސަރަހައްދު މަރާމާތުކޮށް އިއްޔެ ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ ދިގު މުއްދަތެއްގައި ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ކުރިމަތި ވަމުންދިޔަ މައްސަލައެކެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރަށްދެބައިހިނގުން މަގުގެ، ތަބުރޭޒީމަގާއި ފަޅުމަތީ ހިނގުމާއި ދޭތެރެ (އެމްއެންޔޫ ކުރިމަތި) މަގަކީ ޔުނިވާސިޓީ ދަރިވަރުންނާއި ގިނަ އަދަދަކަށް ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ވަރަށް މުހިންމު މަގެއް ކަމަށެވެ.
އެހެންކަމުން، އެ މަގު މަރާމާތުކޮށް ނިމުމުން ގިނަ ފަރާތްތަކަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް ގުޅިފައި ހުންނަނީ މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނާ ކުރިމަތިވާ ދަތިތަކާ ކަމަށެވެ.
މަގުމަތީގެ ކާނުތައް ސާފު ނުކޮށް ހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށް މޭޔަރު އާޒިމް އަބަދުވެސް ފާހަގަކުރައްވައެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް