ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ޖާގަ ބޮޑުކޮށް، ހިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލް ޑިޒައިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

އައިލެންޑް އޭވިއޭޝަން ލިމިޓެޑުން ރޭ ގެޒެޓުކުރި އިއުލާނުގައި ބުނީ، ދަރަވަންދޫ ޓާމިނަލުގެ ޑިޒައިން މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް އެކްސްޕްރެސް އޮފް އިންޓަރެސްޓް ހުށަހެޅުން އެދޭ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެ މަސައްކަތުގެ ދަށުން އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމާއި ޑިޕާޗާ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗާ ގޭޓް އިތުރުކުރުމަށް ހިމަނާފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ނިމުމުން ޓާމިނަލަށް 814 އަކަމީޓަރު އިތުރުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

ބ. ދަރަވަންދޫގައި އެއާޕޯޓުގެ ހިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ވެފައެވެ.