ފްލެޓުތަކާއި ގޯތިތައް ހަވާލުކުރުން ލަސްވަމުންދާ ދިއުމާއި މިދިޔަ ސަރުކާރުން ހިއްކަން ފެށި ފަޅުތަކުގެ މަސައްކަތް ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކަމުން ދިއުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވަމުންދާ ދިއުމަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަތުމަށް ވޯޓުދެއްވީ އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރާއެކު އެމްޑީޕީގެ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލީ އެ ގަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ޕީއެންސީގެ 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެެރިންނަށް ހަވާލުކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.

އަދި ގިރާވަރުފަޅާއި ގުޅިފަޅު އަދި ހުޅުމާލެ ފޭސް ތިނެެއްގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅަށް އިސްކަންދީގެން އެ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވަމުންދާ ކަމަށެވެ.

އެ ގަރާރުގައި ގޮވާލާފައިވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް، ގޯއްޗެއް އެ ދިން ތަނަކުން ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ހަވާލު ނުކުރާނެކަން އަންގާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އަދި ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ފްލެޓު ކަނޑައަޅައި ލިޔުން ދީފައިވާ މީހުންގެ އަތުން ޝަރުއީ ކޯޓެއް މެދުވެރިކޮށް މެނުވީ ފްލެޓު އަތުނުލެވޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އޭގެއިތުރުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބުނު މީހުން ނަގާފައި ދެން ތިބި 9763 މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިންޑިއާގެ އެލްއޯސީ މެދެވެރިކޮށް ފައިސާ ހަމަޖައްސައިގެން އިންޑިއާގެ ކޭޕީއައިއެލް (އެންބީސީސީ) އާ އަޅަން ހަވާލުކުރި 6000 ފްލެޓާއި އެޕޯލޯ ކުންފުންޏާ އަޅަން ހަވާލުކުރި 1000 ފްލެޓުގެ މަސައްކަތް ކުރިއަށް ނުދާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ފްލެޓަށް އެދި ހުށަހެޅި 21،347 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 19،347 މީހުންގެ ނަންތަކާއެކު ގެޒެޓު ކޮށްފައިވީ ނަމަވެސް އެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ނުދާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިކަންކަމަކީ ދިވެހި އެތައްހާސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ދިއުން ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.