ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެ ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދުއެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާ އިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމަކާއި އިމާމު ރޫމަކާއި އޮފީސް ބައެއް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.