ސްކޭމް ހިންގި މިޔަންމާގެ ފަސް މީހަކު މެރުމަށް ޗައިނާއިން ނިންމައިފިއެވެ.

ޗައިނާގެ ޝެންޒެން ކޯޓުން ވަނީ އެގައުމާއި މިޔަންމާ ބޯޑަރު ގުޅޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މިޔަންމާގެ ނުރައްކާތެރި ގޭންގަކުން ހިންގަމުންގެންދިޔަ ސްކޭމްތަކުގައި ހަރަކާތްތެރިވި ފަސް މީހަކު މެރުމަށް ހުކުމްކޮށްފައެވެ.

ޗައިނާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ ފަސް މީހުންގެ ތަހުގީގު ނިންމައި އެމީހުން މެރުމަށް ހުކުމްކޮށްފައިވާ އިރު، ކޯޓުން ވަނީ އެމީހުން ހިންގި ސްކޭމްތަކުގެ ސަބަބުން ޗައިނާގެ ފަސް މީހަކު އަމިއްލައަށް މަރުވެފައިވާ ކަމަށާއި އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ސްކޭމްކޮށްގެން ގޭންގުތަކުން ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޭޕްރިލްގައި އދ އިން ވަނީ ދެކުނު އޭޝިއާ، ހާއްސަކޮށް ޗައިނާ ހިމެނޭ ސަރަހައްދުން އަހަރަކު 10 ބިލިއަނަށްވުރެ ގިނަ ޑޮލަރު ސްކޭމްގެ ގޮތުގައި ގެއްލޭ ކަމަށްބުނެ ސަމާލުވުމަށް އަންގައިފައެވެ.

އދގެ ޑްރަގާއި ކުށްތަކާ ބެހޭ އޮފީހުން ވަނީ ދެކުނު އެމެރިކާއާއި އެފްރިކާގެ އިތުރުން މެދުއިރުމަތި އަދި ޔޫރަޕްގެ ސަރަހައްދުތަކުން ވެސް ސްކޭމްގެ ކަންކަން ފާހަގަވަމުން އަންނަ ކަމަށް ބުނެފައެވެ.