ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީ ކުރުމުގެ ރުފުސަތު ދިނުމަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އާއްމުންގެ ހިޔާލަށް ހުޅުވައިނުލަން ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއް ވެސް ދިރާސާ ކުރުމަށް އެ ބިލަކާބެހޭ ކޮމިޓީއަށް ފޮނުވުން، އެ ކޮމިޓީން ބިލްގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައަޅައި އެބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވައިލައެވެ.

އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލް ދިރާސާ ކުރުުގެ މަސައްކަތް ފެށުމާއެކު، ބިލަށް އާއްމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި މި ބިލަކީ ރާއްޖޭގެ އިގުތިސޯދާ ގުޅޭ ބިލަކަށްވެފައި، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުން އޮތް ބިލަކަށްވާތީ، އަވަސް އަރުވާލައިގެން ބިލް ފާސްކުރުމުގެ ބަދަލުގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީން ބިލްގެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ކޮމިޓީއަށް ހުށަހެޅުއްވިއެވެ.

މި ހުށަޙެޅުން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ތާއީދު ކުރެއްވީ ވެސް އެމްޑީޕީގެ މެންބަރެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާ މުހައްމަދު އިބްރާހިމެވެ.

ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން މި ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްްބެވި އެމްޑީޕީގެ ނުވަ މެންބަރުން އެކަންޏެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއެވެ.

އެހެން ބިލްތަކުގައިވެސް އެ ބިލްތަކާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެ ފަރާތްތަކުގެ ހިޔާލުވެސް ކޮމިޓީން ބިލް ނިންމުމުގެ ކުރިން ހޯދައެވެ.

އެގޮތުން ޒަކާތުގެ ބިލާ ބެހޭގޮތުން އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް އިސްލާމިކް މިނިސްޓރީގެ ހިޔާލު ހޯދުމަށް އެ މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރިއެވެ. އަދި ތެލަސީމިޔާ ކޮންތްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ބިލްގެ ބަހުސް ކުރިއަށް ގެންދިޔަ ވަގުތު، ތެލަސީމިއާ ސޮސައިޓީގެ ބޭފުޅުން ކޮމިޓީއަށް މިއަދު ހާޒިރުުރިއެވެ.

އެހެންކަމުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލާ ގުޅިގެން ހިޔާލު ހޯދުމަށް، މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ވެސް މީކާއީލް ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

މި ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީވެސް އެ ބައްދަލުވުމުގައި ތިއްބެވި 64 މެންބަރުންގެ ތެެރެއިން އެމްޑީޕީގެ ނުވަ މެންބަރުންނެވެ. އެ ހުށަހަހެޅުން ފާސް ނުކުރަން 54 މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި މި ބިލް މުޅި މަޖިލީހުގެ ކޮމީޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މި ބިލުގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭގޮތުން ގާނޫނަށް ބާބެއް އިތުރުކުރަން ހުށަހަޅައިފައެވެ.