ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް މިއަދު އާކޮށްފިއެވެ.

އެ އެއްބަސްވުން އާކުރުމަށް އެމްޕީއެލް އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރުމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ.

އެމްޕީއެލުން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމު ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޕީއެލުން ކަނޑައެޅިފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.