ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ޔޫއެސް-ބަންގްލާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 108 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ. އަދި އާ ޓާމިނަލަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

3 ނޮވެމްބަރު 2025: ވީއައިއޭގެ އާ ޓާމިނަލުން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/އެމްއޭސީއެލް

ޔޫއެސް-ބަންގްލާ އެއާލައިންސްއަކީ ބަންގުލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގުލަދޭޝްގެ އެންމެ ބޮޑު އެއާލައިނެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 19 ނޮވެމްބަރު 2021 ގައެވެ.

ޔޫއެސް-ބަންގްލާ އާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.