ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރުގެ ހަނދާނުގައި ތިނަދޫ ސިޓީގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް (ނަސްރުގެ ދުވަސް) ފާހަގަކުރަނީ، މި ގައުމަށްޓަކައި ޝަހީދުވި ޖިހާދީންގެ ހަނދާނުގައެވެ. އެ ދުވަސް ހާއްސަވެގެންވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ހޯދި ނަސްރަށެވެ.

އެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށްގެންދާ ހަރަކާތްތަކުގެ މައުލޫމާތު، ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން އަލީ ވިދާޅުވީ ނަސްރުގެ ދުވަހުގައި ބާއްވާ ފޮޓޯ މައުރަޒު މިފަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތީ ތިނަދޫ ސިޓީގައި ކަމަށެވެ.

މިއީ ނަސްރުގެ ދުވަހުގައި ބާއްވާ ފޮޓޯ މައުރަޒު ތިނަދޫ ސިޓީގައި ބާއްވާ ފުރަތަމަ ފަހަރެވެ.

3 ނޮވެމްބަރު 2025: ރާއްޖެއަށް ނަސްރު ހޯދާއިދިނުމަށް އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު --- ފޮޓޯ/ ޓީވީއެމް

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން ވިދާޅުވީ އެ ސިޓީގައި ފޮޓޯ މައުރަޒު ބާއްވަން ހަމަޖެއްސީ ތިނަދޫ އަކީ، ނޮވެމްބަރު 3 ގެ އުދުވާނުގައި ޝަހީދުވި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު ނިސްބަތްވާ ރަށަށް ވުމުން ކަމަށެވެ.

"އެެހެންވީމަ މިފަހަރު އެކަމަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު، ހުކުރު ދުވަހުގެ ހަވީރު ހުޅުވާނީ. އެ ދުވަހުގެ ރޭގަނޑު އަދި އަށްވަނަ ދުވަހުގެ މެންދުރުކުރިއާއި މެންދުރުފަހުވެސް މައުރަޒު ހުޅުވިފައި ހުންނާނެ. މި މައުރަޒުގައި ނޮވެމްބަރު 3 އާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު، ފޮޓޯ، ވީޑިއޯ، އޯޑިއޯގެ ޒަރިއްޔާއިން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ހުސެއިން ވިދާޅުވީ ތިނަދޫ ސިޓީގެ އެންމެހާ ރައްޔިތިން އަދި އަތޮޅުތެރޭގެ ވީހާ ގިނަ ރައްޔިތުންނާއި ސްކޫލު ކުދިން އެ މައުރަޒަށް ޒިޔާރަތްކޮށް އެތަނުގައި ލިބެންހުރި މައުލޫމާތުތައް ލިބިގަތުމަކީ އެމްއެންޑީއެފްގެ ވަރަށް އިހުލާސްތެރި އެދުމެއް ކަމަށެވެ.

މައުރަޒާ ގުޅުވައިގެން ތިނަދޫ ސިޓީގައި އަންނަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ އަސްކަރީ ހުށަހެޅުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ހުށަހެޅުން ވެގެންދާނީ ވަރަށް ފުރިހަމަ އަސްކަރީ ދައްކާލުމަކަށް. މި ދައްކާލުމުގައި އެކިއެކި ޒާތުގެ ގޮވާ ތަކެއްޗާއި އަސްކަރީ އުކުޅުތައް ފެނިގެންދާނެ. މިއީވެސް ވަރަށް ފުރިހަމަ ހުށަހެޅުމަކަށް ވެގެންދާނެ. އެދުމަކީ މި ހަރަކާތްވެސް ބައްލަވައިލެއްވުން،" އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން ވިދާޅުވިއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން މާލޭގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްއެންޑީއެފުން ނިންމައިފައެވެ. އެގޮތުން މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހަރަކާތް ފާހަގަކޮށްލެވެއެވެ.