ޓަންޒޭނިއާގެ ރައީސް ކަމަށް 98 ވޯޓާއެކު ސާމިޔާ ސުލުހު ހަސަން އިންތިހާބުކޮށްފިއެވެ.

ޓަންޒޭނިއާގައި ބޭއްވި ރިޔާސީ އިންތިހާބު މިދިޔަ ހަފުތާގައި ނިމިފައިވާ އިރު، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ދާއިމީ ނަތީޖާ އިއުލާންކޮށް އިންތިހާބު ކާމިޔާބުކޮށްފައިވަނީ 98 ޕަސަންޓު ވޯޓާއެކު މިހާރުގެ ރައީސާ ސާމިއާ ކަމަށް ނިންމައިފައެެވެ.

އިންތިހާބު ކާމިޔާބުކުރުމަށްފަހު އާންމުންނާ މުހާތަބުކުރައްވައި، ރައީސް ސާމިއާ ވިދާޅުވީ ރިޔާސީ އިންތިހާބު ކުރިއަށްދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެއީ ޑިމޮކްރަޓިކް އަދި މިނިވަން އިންތިހާބެއް ކަމަށެވެ.

ޓަންޒޭނިއާގެ އިދިކޮޅުން ވަނީ އިންތިހާބު ގަބޫލުނުކުރާ ކަމަށާއި އެ އިންތިހާބު ކުރިއަށްދިޔައީ ޑިމޮކްރަސީއާ ހިލާފަށް ރައީސް ސާމިއާގެ ވާދަވެރިން ޖަލަށް ލުމަށްފަހުގައި ކަމަށް ބުނެފައެވެ.

ޓަންޒޭނިއާގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވި ބޭރުގެ އޮބްޒާވަރުން ވެސް ވަނީ އިންތިހާބު މިނިވަން ނޫން ކަމަށާއި އެގައުމުގެ ސިޔާސީ މަޝްރަހު ހޫނުވެ ގައުމު ހަލަބޮލިވެފައިވާ އިރު، އެތައް ބަޔަކު މަރުވެ އަނިޔާވެސް ވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.

ޓަންޒޭނިއާގައި ހިނގަމުންގެންދާ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ އިރު، އެގައުމުގެ ސަރުކާރުން އިންޓަނެޓް ހިދުމަށް މެދުކަނޑާލާފައިވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ކަށަވަރުނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ސާމިއާ ވަނީ އެ ގައުމުގެ ހަމަނުޖެހުން ހުއްޓުވައި އިންތިހާބު ކުރިއަށްގެންދިއުމަށް ސަލާމަތީ ބާރުތަކުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.