ޖެޓް ބްލޫ ފްލައިޓަކުން ދަތުރުކުރި 15 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މެކްސިކޯގެ ކަންކުން އިން އެމެރިކާގެ ނިއުޖާޒީ އަށް ދަތުރުކުރި ޖެޓް ބްލޫ ފްލައިޓެއް ކުއްލިޔަކަށް އެލްޓިޓިއުޑް ބަދަލުކުރުމުގެ ސަބަބުން އެފްލައިޓު ވަނީ އިމަޖެންސީގައި ފްލޮރިޑާގެ ޓަމްޕާ އެއާޕޯޓަށް ޑައިވާޓްކޮށްފައެވެ.

އޮފިޝަލުން ވަނީ އިއްޔެ ހިނގި އެހާދިސާގެ ސަބަބުން އެފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން 15 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ބުނެފައެވެ.

އޭ320 މަރުކާގެ އެފްލައިޓު ފްލޮރިޑާއަށް ޖެއްސުމަށްފަހު ޖެޓް ބްލޫ އިން ވަނީ ފްލައިޓަށް ދިމާވި މައްސަލަ އިތުރަށް ބެލުމަށް އެފްލައިޓު އޮޕަރޭޝަން އިން ދުރުކޮށްފައެވެ.

ޖެޓް ބްލޫއިން ނެރުނު ބަޔާނެއްގައި ވާގޮތުން އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފްލައިޓުގެ ކޮންޓްރޯލް ކުއްލިޔަކަށް ގެއްލިފައިވާ ކަމަށެވެ.