ބޮލީވުޑްގެ ރީތި ތަރި އަނަންޔާ ޕަންޑޭ އޭނާގެ 27 ވަނަ އުފަންދުވަސް އޮކްޓޯބަރު 30 ވީ ބުރާސްފަތި ދުވަހު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ހާއްސަ ދުވަހު އޭނާއަށް ސަޕޯޓަރުންގެ ލޯބި އޮހެމުން އަންނައިރު، އޭނާގެ ރައްޓެހީންނާއި އާއިލާގެ މެންބަރުންވަނީ އުފަންދުވަހުގެ ހަފުލާއެއްގައި ބައިވެރިވެފައެވެ.

އަނަންޔާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ވަނީ އުފަންދުވަހުގެ ހަފުލާގެ ފޮޓޯތައް ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގައި އޭނާގެ ބޭބެ އަދި 'ސައްޔާރާ' ގެ އެކްޓަރު އަހާން ޕަންޑޭއާއި، އެންމެ ގާތް ރައްޓެހީން ކަމަށްވާ ސުހާނާ ޚާން އަދި ޝަނާޔާ ކަޕޫރާއި، އޭނާގެ މަންމަ ބަވަނާ ޕަންޑޭ އަދި ޕެޕަރާޒީއާ އެކު އުފާވެރި ވަގުތުތައް ހޭދަކުރާ މަންޒަރު ފެނެއެވެ.

އަނަންޔާއަށް ލިބުނު ހެޔޮއެދުންތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ޕޯސްޓަކީ އޭނާގެ ކޯ-ސްޓާރ އަދި ގާތް އެކްޓަރު ކާރްތިކް އާރްޔަން ހިއްސާކުރި ޕޯސްޓެކެވެ. 'ޕަތީ ޕަތްނީ އޯރް ވޯ' (2019) ފިލްމުން އެ ދެމީހުންގެ ކެމިސްޓްރީއާ އެކު ގިނަ ސަޕޯޓަރުންގެ ހިތްތައް ކާމިޔާބުކުރި ފަހުން، އަނަންޔާ އާއި ކާރްތިކް އަންނަނީ 'ދަރްމާ'ގެ ކުރިއަށް އޮތް ފިލްމު 'ތޫ މޭރީ މެއި ތޭރާ މެއި ތޭރާ ތޫ މޭރީ' ގައި އެކުގައި ފެނުމަށް ތައްޔާރުވަމުންނެވެ.

ކާރްތިކްވަނީ އެ ދެމީހުންގެ ފިލްމުގެ ޝޫޓިން ސެޓުން ނުދައްކާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އަނަންޔާ މަޖާ ގޮތަކަށް ބުނެފައިވަނީ، ކާތިކްއާއެކު ބޫލް ބުލައްޔާ 4 ގައި މަންޖުލާގެ ރޯލުން އޭނާ ފެނިގެންދާނެ ވާހަކަ އެވެ. ފޭނުން ގެންދަނީ މި މެސެޖް ލިބުމުން އަނަންޔާ އެ ރޯލުން ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެ ތައުރީފު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން 'ތޫ މޭރީ މެއި ތޭރާ މެއި ތޭރާ ތޫ މޭރީ' ފިލްމުގެ ޓްރެއިލާ އަންނަ މަހު ނޮވެމްބަރު 22 ގައި ކާރްތިކްގެ އުފަންދުވަހު ނެރެން ވަނީ ހަމަޖެހިފައެވެ.