އަންނަ އަހަރު ސުކޫކަށް ވަރަށް ބޮޑު ހަަރަދެއް ކުރަން ޖެހޭ ކަމަށާއި ސުކޫކު ރީ ފައިނޭންސް ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން 450 މިލިއަން ޑޮލަރު ހޯދޭނެކަމަށް އަންދާޒާކުރެވޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވީ މިނިސްޓަރު ޒަމީރެވެ.

ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރު ސުކޫކު އަނބުރާ ބޮޑު ހަރަދެއް ކުރަންޖެހޭތީ ސުކޫކު ދެއްކުމަށް، ފައިނޭންސިން ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލިގެންދާނެ ކަމަށް އަންދާޒާކުރެވޭކަމަށް ކަމަށެވެ.

"ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހިމެނޭ. މީގެ އިތުރުން، ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭ،" ޒަމީރު ވިދާޅުވިއެވެ.

ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރާ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައެޅިގެންދާނެ ކަމަށާއި އެގޮތުން 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ވަނީ ރާވާފައިފައިކަމަށް ޒަމީރު ވިދާޅުވިއެވެ.