ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ތައުލީމުގެ އެހީ އަދި ރޯދަމަހު ކާބޯތަކެތީގެ އެހީތެރިކަމާއި އާސަންދަ ކަވަރުނުކުރާ ސިއްހީ ހިދުމަތަކަށް އެހީ ލިބޭނެ "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޒަކާތު ހައުސް (އެމްޒެޑްއެޗް)އިން ބުނެފިއެވެ.
ޒަކާތު ހައުސްއިން މިއަދު ބުނީ ރައީސް ޑރ މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައި ކަމަށެވެ. ޒަކާތު ހައުސްއިން ބުނީ އެ މަސްއޫލިއްޔަތާއެކު، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީވެސް ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށެވެ.
"އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ތައާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުން އަންނަކަމުގައިވެސް ދަންނަވަމެވެ" ޒަކާތު ހައުސްއިން ބުންޏެވެ.
"މި ކާޑު ތައާރުފު ވުމުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުން ހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ"
އެ ކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަންކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މީގެ އިތުރުން ޒަކާތު ހައުސްއިން ބުނީ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ނުދެއްކިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެހެންކަމުން މިކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދިނުމަށް ނިންމައިފައެވެ. އެގޮތުން، 14 ފަރާތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ޖުމުލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ" ޒަކާތު ހައުސްއިން ބުންޏެވެ.
އެ ފައިސާ ޒަކާތު ހައުސްއިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާއަށް ކަމަށް ބުންޏެވެ. އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފައިކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މުހައްމަދު އިޝާން
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު