ށ. މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށާއި އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑު ކުރަން ނިންމައިފިއެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ނިންމާފައިވަނީ އެ މުވައްޒަފުން ވަކިކޮށް އިސްތިއުނާފު މަރުހަލާ ނިމެންދެން ސަސްޕެންޑްކުރުމަށް ކަމަށެވެ. އެއީ ފުލުހުންކަމެއް ނުވަތަ ސިވިލް މުވައްޒަފުންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ މިލަންދޫ ޕޮލިހުގެ ބަޖެޓުން ފައިސާތަކެއް އަމިއްލަ އެކައުންޓުތަކަށް ފުލުހުންތަކެއް ޖަމާކުރި މައްސަލައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.