ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

އެ އެކެޑެމީ ރައީސް ހުޅުވައިދެއްވީ ކ އަތޮޅުގެ ރަށްތަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން އެ ރަށުގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ މުޖުތަމައުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގާއިމްކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން އިލްމީ ބައެއް މުއައްސަސާތަކުންވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަރުކަޒުގައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ސްޓެލްކޯ އާއިރާއްޖޭގެ ގައުމީ ޔުނިވަަސިޓީއާ ދެމެދު މިދިޔަ އާދިއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެ މަރުކަޒު ހެދުމަށް ފަސް މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެ މަރުކަޒަކީ ޗައިނާގެ ޔަންޓާއި ޑޮންފަން ވިޒްޑަމް އިލެކްޓްރިކް ކޯލިމިޓެޑުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

އެ ސެންޓަރުގައި ތަމްރީނުދޭ ދާއިރާތައް:

ފުރަތަމަ ފިޔަވަހީގައި ތަމްރީނުދިނުތައް ދޭ ދާއިރާތައް

މެކޭނިކަލް އިންޖިނިއަރިން: މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ޖެނެރޭޓަރު ސެޓު މަރާމާތު ކުރުމާއި އޯވާހޯލްކުރުން.

އޮޓޯމޯޓިވް އިންޖިނިއަރިން: ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، އުޅަނދުތަކުގައި އާންމުކޮށް ކުރަންޖެހޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް

ފެނާއި ނަރުދަމާ ނިޒާމުތައް: މި ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، ފެން ޕްލާންޓް އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ފަދަ މި ދާއިރާއާ ގުޅޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް

އޮޓޯމޭޝަން އިންޖިނިއަރިން: މި ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، މަސައްކަތުގެ ސަމަކާރަކަން ކަށަވަރުކުރުމަށް ބޭނުންވާ ބޭނުންކުރާ ޒަމާނީ ވަސީލަތްތައް އުފައްދައި، އޭގެ މަރާމާތާއި މެއިންޓަނަންސް މަސައްކަތް

އިދާރީ ހިދުމަތް: މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަސީލަތް/ނިޒާމު/ސޮފްޓްވެއާއަށް އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަސީލަތް/ނިޒާމު/ސޮފްޓްވެއާ ބޭނުންކުރުން.