ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގަމުންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ބޭންކުން އަދާކުރަމުން އަންނަނީ ދިވެހިންގެ ޒިންމާކަމަށް އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ބޭންކުގެ ތަސައްވުރަކީ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން އަންނަ ކުރިމަގެއް ކަށަވަރުކުރުން ކަމަށެވެ. ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސް އާއި މިނިވަންކަމާއެކު ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ބޭންކުން ހިފަހައްޓާ މިންގަނޑުތަކަކީ ރާއްޖޭގެ ބޭންކިން ރެގިއުލޭޝަންތަކުގެ އިތުރުން ދުނިޔޭގެ އެންމެ ހަރުދަނާ އެއް މިންގަނޑުތަކެއް. މިގޮތުން ބާސެލް III އަދި IFRS 9 ފަދަ ހަރުދަނާ އޮނިގަނޑުތަކުގެ ތެރެއިން ސްޓޭންޑާޑްތައް ގާއިމުކުރެވި، ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުގެ ސާފު އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ: ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ބޭންކުގެ ސްޓްރެޓެޖީ ގައުމީ ބޭނުން ތަކާ އެއްގޮތް ވަނީ ބޯހިޔާވަހިކަން ފަދަ ގައުމީ ކަންކަމަށް އިސްކަމެއް ދީގެން، މާލީ ގޮތުން ރަނގަޅު އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކޮށްގެން ކަމަށެވެ.
ބީއެމްއެލްއަކީ ހަގީގީ މާނާއިގައި ދިވެހިންގެ ބޭންކު ކަމަށާއި ބޭންކިންގެ ދާއިރާގައި ދިވެހީންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދެނީ ބީއެމްއެލްއިން ކަމަށާއި އެންމެ ގިނަ ދިވެހީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ ވެސް ބީއެމްއެލްކަމަށް ޝަރީފު ވިދާޅުވިއެވެ.
"މިއީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން، ދިވެހީންނަށް ކުރިއަށް ދެވޭނޭ މަގު ހުޅުވައިދީފައި އޮތް ހަމައެކަނި ބޭންކު. ދިވެހިރާއްޖޭގެ މާއްދީ ތަރައްގީގެ ރަމްޒެއްކަމުގައި އުފެއްދި ބޭންކު. މިއީ ދިވެހިން ފަހުރުވެރިވާނެހެން ރާއްޖެއިން ބޭރުގައި ހިދުމަތް ދިނުމަށް ހުރިހާގޮތަކުން ވެސް ތައްޔާރަށް އޮތް ފުރަތަމަ ދިވެހި ބޭންކު. މިއީ ދިވެހިންގެ ބޭންކް" ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް