މިއަހަރު ނިންމައިލާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު އަހަރުގެ ގޮތުގައިކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓާގެ ރިޕޯޓަށް ބެލުމުން މިއީ ބޭންކަށް ކާމިޔާބު އަހަރެއްކަން އެނގިގެންދާނެ ކަމަށެވެ.
ބީއެމްއެެލްގެ ތިންވަނަ ކުއާޓާ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރުގައި އެ ކުންފުންޏަށްވަނީ 475 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ބޭންކުގެ ޖުމުލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް ތިންވަނަ ކުއާޓަރުގައި އަރައިފައިވާ ކަމަށާއި ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައިވަނީ ދެމެހެއްޓިފައިވާ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު މިވާހަކަ މި ދަންނަވާލީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހިއްސާދާރުންގެ މައުލޫމާތަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ނިންމާލާނީ ހުރިހާގޮތަކުން ބޭންކަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގައި. މިކަން ބޭންކުގެ މިއަހަރުގެ ތިން ވަނަ ކްއާޓަރުގެ ރިޕޯޓުންވެސް ހިއްސާދާރުންނަށް ޔަގީންވާނެ. މިކަމުން ދޭހަވާ އެއްކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުން" ޝަރީފު ވިދާޅުވިއެވެ.
ބޭންކުގެ ތަސައްވުރަކީ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާ ކުރިމަގެއް ކަށަވަރުކުރުންކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެ ކުކަމަށް ޝަރީފު ވިދާޅުވިއެވެ.
އެކަން ކޯޕަރޭޓް ގަވަނަންސާއި ހިފަހައްޓަމުން އަންނަ ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ބޭންކުން ހިފަހައްޓާ މިންގަނޑުތަކަކީ ރާއްޖޭގެ ބޭންކިން ރެގިއުލޭޝަންތަކުގެ އިތުރުން ދުނިޔޭގެ އެންމެ ހަރުދަނާ އެއް މިންގަނޑުތައް ކަމަށްވާ ބާސެލް III އަދި IFRS 9 ފަދަ ހަރުދަނާ އޮނިގަނޑުތަކުގެ ތެރެއިން ސްޓޭންޑާޑްތައް ގާއިމުކުރެވިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުގެ ސާފު އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުވާކަމަށް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް