ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަކް ވޮލެޓް "ސްޕައިޕް" މިއަދު ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" އާ ބެހޭގޮތުން މައުލޫމާތު ދެމުން ބީއެމްއެލުން ބުނީ އެ ވޮލެޓަކީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގުމަށް ބޭނުން ކުރެވޭނެ ވޮލެޓެއް ކަމަށެވެ. އެ ވޮލެޓުގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައްވެސް ކުޑަވެގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެންވެސް އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ވަގުތުން ފައިސާ ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

"ސްވައިޕް" އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެއް ކަމަށާއި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

29 އޮކްޓޫބަރު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" ތައާރުކޮށްދެއްވަނީ. އަރިހުގައި ހުންނެވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު ---- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިްޒުގެ ވައުދުފުޅެއް ކަމަށެވެ. ޝަރީފު ވިދާޅުވީ އެކަން ކުރިއަށް ގެންދިއުމަށް ބީއެމްއެލުންވަނީ މިއަހަރުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓްރީއާއެކު މަސައްކަތް ކުރަން ފަށައިފައި ކަމަށެވެ.

ޝަރީފު ވިދާޅުވީ ބީއެމްއެލްގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކިން ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް ތައްޔާރުކުރި ކަމަށެވެ. އޭގެ ނަތީޖާއަކީ މިއަދު "ސްވައިޕް" ތައާރަފު ކުރެވިގެން ދިޔުންކަމަށް ޝަރީފު ވިދާޅުވިއެވެ.

29 އޮކްޓޫބަރު 2025، "ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާ ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ" ޝަރީފު ވިދާޅުވިއެވެ.

"ސްވައިޕް" ގެ ސަބަބުން ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަވެ ވިޔަފާރިތަކަށާއި ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.