ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އިއުލާނުގައި ބުނީ އެއީ ރަޖިސްޓްރީއާ ހަވާލުވުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1،200 އަށްވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން މިހާރު ވަނީ ދޫކޮށްފައެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފެށީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސިއެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފައެވެ.

އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ފުރަތަމަ ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ގާނޫނީ މައްސަލަތަކެއް ފާހަގަވުމުން މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ނިންމައިފައެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހިއްކަން ހަމަޖެހިފައިވާ ފުންތަނުން ދޭން ނިންމާފައިވާ ގޯތިތައް މިހާރު ހިއްކައި ނިމިފައިވާ ސަރަހައްދުން ދޭން ނިންމައި ގެނައި ބަދަލެވެ.

އެ މައްސަލައިގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ފަހުން ގެނައި ބަދަލާއެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.