ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މިހާރު ދިވެއްސަކަށް އަދާ ނުކުރެވޭނެ މަގާމެއް ނޯންނާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލް އުފައްދާފައިވަނީ 1982 މާޗު 14 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ މުވައްޒަފުންނަށް ތަޖުރިބާ ލިބެންދެން މި ބޭންކު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާނީ މެނޭޖުމެންޓް ކޮންޓްރެކްޓެއްގެ ދަށުން ބަންގުލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސިން އެންޑް އިންވެސްޓް ކޮމްޕެނީން" ބޭންކުގެ ފެށުނު ދުވަސްވަރުގެ ވާހަކައެއް ހިއްސާކުރައްވަމުން ޝަރީފު ވިދާޅުވިއެވެ.

"އެ ދުވަހު އަޅުގަނޑުމެން ބިދޭސީންނާ ގުޅުނީ ތަޖުރިބާ ހޯދަން. އާދެ، އޭގެ 43 އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ހުރިހާ ދާއިރާއަކުންވެސް އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުން މިވަނީ ތައުލީމާއި ތަޖުރިބާ، ޕްރޮފެޝެނަލް ސެޓްފިކޭޝަން ހާސިލުކޮށްފަ. މިއަދު ދިވެއްސަކަށް އަދާ ނުކުރެވޭނެ މަގާމެއް ބޭންކް އޮފް މޯލްޑިވްސްގައި ނެތް" ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލް އުފެއްދާފައިވަނީ ހަމައެކަނި ވިޔަފާރީގެ ހިދުމަތް ދިނުމަށް ނޫން ކަމަށާއި ތަރައްގީގެ މަގުގައި ކުރިއެރުން ހޯދޭނެ މަގުތައް ހޯދުމަކީވެސް ބޭންކު އުފެއްދި ބޭނުމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"1982 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ބޭންކް އޮފް މޯލްޑިވްސް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ މި ބޭންކަކީ ދިވެހިރާއްޖޭގެ މާއްދީ ތަރައްގީ ކުރާ ތަނެއްގެ ގޮތުގަ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ބޭންކު ހުޅުވައިދެއްވަމުން އޭރުގެ ރައީސް މައުމޫން އަބްދުއްގަޔޫމް ވިދާޅުވެފައި ވަނީ މާލީ އިދާރާއެއް ނެތް ތަނެއްގައި އިގްތިސޯދީ ކުރިއެރުން އޮންނާނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

ބީއެމްއެލްގެ ސަބަބުން ވިޔަފާރިތަކަށާއި އިގްތިސޯދަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަން މައުމޫން ފާހަގަކުރެއްވިކަމަށް ޝަރީފު ވިދާޅުވިއެވެ.