ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ މިހާތަނަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުން ދޫކުރާ ލޯނުގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމުލަ 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.
މިދިޔަ އަަހަރަށްވުރެ 10 ޕަސަންޓުގެ ކުރިއެރުމެއް ހިންގުމުގެ ފައިދާއަށް ލިބިފައިވާކަން ފާހަގަކުރައްވައި ބީއެމްއެލުން ބުނީ މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 475 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
ކުންފުނީގެ ޖުމުލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް ތިންވަނަ ކުއާޓަރުގައި އަރައިފައިވާ ކަމަށާއި ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. އަދި ބުނީ ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލަށް ހާސިލުކުރެވިފައިވަނީ ފަހުރުވެރި މާލީ ނަތީޖާތަކެއް ކަމަށެވެ.
"މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި މުޅި ރާއްޖެއަށް ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މި މަހުގެ ތެރޭގައި އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.ބޭންކް އޮފް މޯލްޑިވްސް ވިޔަފާރި
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް