ނޫސްވެރީން މަސްދަރު، ނުވަތަ މައުލޫމާތު ލިބުނު ގޮތް ހާމަކުރަން ޖެހޭ އިތުރު ހާލަތެއް ހިމަނަން ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.
ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް ހުށަހަޅުއްވަން ހަމަޖެހިފައިވާ މި ބިލުގައި ވާގޮތުން މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުމަށް 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް މިހާރު ގާނޫނުގައި ބަޔާންކޮށްފައެއް ނޯވެއެވެ. އެހެންވެ މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވެއެވެ.
ގާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އެ ނޫސްވެރިޔާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ގާނޫނުގައި ބުނާ ހާލަތްތަކުގައި ކޯޓު އަމުރަށް އެދި ހައި ކޯޓަށް ހުށަހެޅޭނީ ޕްރޮސިކިއުޓާ ޖެނެރަލް، ނުވަތަ ތުހުމަ ތުކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ކަމަށް ވެސް އިސްލާހުގައިވެއެވެ.
ގާނޫނު މިހާރު ބުނެފައި އޮންނަ ގޮތުން މަސްދަރު ހާމަ ނުކުރާނެ ކަމަށް ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަ ވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
އެ ގޮތަށް އަމުރުކުރެވޭނީ ވެސް ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭ ނަމަ އެވެ.
ހެއްކާ ބެހޭ ގާނޫނު މިހާރު އޮތީ ނިމިގެން ދިޔަ ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމި ގޮތަށެވެ. އެއިރު މަސްދަރު ހާމަކުރަަން ޖެހޭ ގޮތަށް އިސްލާހު ކުރުމުން ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައެވެ. އެކަމާ ގުޅިގެން، މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް، އެ މަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައީ މައްސަލަ އޮތްގޮތަށް އޮއްވައެވެ. އިސްލާހު ކުރުމުގެ މައްސަލައަށް ކުރީ ސަރުކާރުގެ ސުޕަ މެޖޯރިޓީއަށް މަޖިލީހުން ގޮތެއް ނުނިންމިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް