ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ކ. ތުލުސްދޫގައި ގާއިމުކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ފަރުމާކޮށްފައިވަނީ މުޖުތަމައުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ވަނީ އެތަނުގައި ލިބެން ހުރި ވަސީލަތްތައް ބައްލަވައިލައްވައިފައެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، އެ ސެންޓަރު ބިނާކުރުމުގައި މަސައްކަތްކޮށްފައިވަނީ ސްޓެލްކޯގެ 100 ޕަސެންޓު ދީގެންނެވެ. އެ ކުންފުނީގެ ހުނަރުވެރި މުވައްޒަފުުންގެ ހުނަރުންނެވެ. ޒަމާނީ ފެންވަރަށް މުއްސަނދިކޮށްގެންނެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީގައި ލިބެން ހުރި ވަސީލަތްތަކަށް ބަލާއިރު އެ ކުންފުނީގެ ތަޖުރިބާކާރުންގެ އިތުރުން އިލްމީ ބައެއް މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އެ މަރުކަޒުގައި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ސްޓެލްކޯ އާއި އެމްއެންޔޫއާ ދެމެދު މި މަހުގެ 26ގައި ފަހުމުނާމާއެއްގައި ސޮއިކުރި އެވެ.

"ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑަމީއަކީ ހަމައެކަނި ތަމްރީނު މަރުކަޒެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޔޫޓިލިޓީ ހިދުމަތްތަކުގެ ދެމެހެއްޓެނިވި މުސްތަގުބަލާއި، އީޖާދީ ފަންނިއްޔާތާއި، އިންސާނީ ރައުސްމާލަށް ކުރެވޭ ވުނަކުރުމެކެވެ." ސްޓެލްކޯއިން ބުންޏެވެ.

ސެންޓަރުގެ ތަސައްވުރަކީ (ވިޝަން)އަކީ ދެމެހެއްޓެނިވި ހަކަތައިގެ މުސްތަގުބަލަކަށް، ޒަމާނީ ހުނަރު ދިރުވައި ތަރައްގީކުރުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސެންޓަރުގެ (މިޝަން)އަކީ ޔޫޓިލިޓީ ހިދުމަތް ދިނުމުގެ ޒަމާނީ ވެއްޓެއްގައި ކުރިއެރުމަށް ބޭނުންވާ ފިކުރިއްޔާތާއި، އިލްމު އަދި ހުނަރު ސްޓެލްކޯގެ މަސައްކަތްތެރީންގެ ކިބައިގައި ތަރައްގީކުރުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

28 އޮކްޓޯބަރު 2025: ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީީއަށް އަވަސް ކަޅިއެއް:

  • ސެންޓަރުން ލިބެން ހުރި ކްލާސްރޫމްތައް، ވޯކްޝޮޕެއް، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން.
  • ޖުމުލަ ހޭދަވެފައިވަނީ 5 މިލިއަން ދިވެހި ރުފިޔާ.
  • ސެންޓަރު އިމާރާތްކުރުމުގެ 100 ޕަސެންޓު މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން.
  • އެއްފަހަރާ 50 ކުދީންނަށް ތަމްރީނު ދެވޭނެ ވަސީލަތްތައް އެ ސެންޓަރުގައި ވަނީ ގާއިމުކޮށްފައި.
  • ޗައިނާގެ ޔަންޓާއި ޑޮންފަން ވިޒްޑަމް އިލެކްޓްރިކް ކޯލިމިޓެޑުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް.

އެ ސެންޓަރުގައި ތަމްރީނުދޭ ދާއިރާތައް:

  • ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުގައި މައިގަނޑު ހަ ދާއިރާއަކުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައި.
  • ޔޫޓިލިޓީ ސިނާއަތަށް އަންނަ ޒަމާނީ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް، ސްޓެލްކޯއިން ގެންގުޅޭ އަމާޒަށް ވާސިލްވުމަށްޓަކައި، އެ ސެންޓަރުގެ މަސައްކަތް ފުޅާވެ، ކުރިއަރަމުން އަންނަ މިންވަރަކުން، އެތަނުގައި ކިޔަވައިދީ، ތަމްރީނު ދޭ ދާއިރާތައް އިތުރުކުރުމަށް ވަނީ ނިންމާފައި.
28 އޮކްޓޯބަރު 2025: ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • މެކޭނިކަލް އިންޖިނިއަރިން :- މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ޖެނެރޭޓަރު ސެޓު މަރާމާތު ކުރުމާއި އޯވާހޯލްކުރުން.
  • އޮޓޯމޯޓިވް އިންޖިނިއަރިން ،:- ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، އުޅަނދުތަކުގައި އާންމުކޮށް ކުރަން ޖެހޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
  • ފެނާއި ނަރުދަމާ ނިޒާމުތައް :- މި ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، ފެން ޕްލާންޓް އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ފަދަ މި ދާއިރާއާ ގުޅޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް.
  • އޮޓޯމޭޝަން އިންޖިނިއަރިން :- މި ތަމްރީނުގެ މައިގަނޑު ދާއިރާއަކީ، މަސައްކަތުގެ ސަމަކާރަކަން ކަށަވަރުކުރުމަށް ބޭނުންވާ/ބޭނުންކުރާ ޒަމާނީ ވަސީލަތްތައް އުފައްދައި، އޭގެ މަރާމާތާއި މެއިންޓަނަންސް މަސައްކަތް.
  • އިދާރީ ހިދުމަތް :- މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަސީލަތް/ނިޒާމު/ސޮފްޓްވެއާއަށް އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަސީލަތް/ނިޒާމު/ސޮފްޓްވެއާ ބޭނުންކުރުން.
28 އޮކްޓޯބަރު 2025: ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ - ސްޓެލްކޯގެ އަމާޒުތައް:

  • ކުންފުނީގެ އެސެޓް މަރާމާތުކޮށް ބެލެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ހަރަދު ކުޑަކުރެވި، ޚިދުމަތަށް ބަރޯސާ ވެވޭ މިންވަރު އިތުރުވެގެންދިއުން.
  • މަސައްކަތްތަކަށް އިންތަކާއި މިންތައް ކަނޑައަޅައި، އަންނާން އޮތް ޖީލުތަކަށް ސައްހަކަންމަތީ ފޯރާނެހެން މުއައްސަސާގެ އިލްމު ރައްކާތެރިކުރުން.
  • ރަށްރަށުގެ އިންޖީނުގެތަކާއި ފެން އަދި ނަރުދަމާ ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް، ހިދުމަތް މެދުކެނޑޭ މިންވަރު މަދުކުރުން.
  • ޔޫޓިލިޓީ ސިނާއަތުގައި ޒަމާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށާއި ސިނާއަތް އިތުރަށް ދެނެގަތުމަށް އެކިއެކި ދިރާސާތައް ހިންގުން.
  • އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަސީލަތް/ނިޒާމު/ސޮފްޓްވެއާއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަސީލަތް/ނިޒާމު/ސޮފްޓްވެއާ ބޭނުންކުރަން ދަސްކޮށްދިނުން.
28 އޮކްޓޯބަރު 2025: ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ --- ފޮޓޯ/ ރައީސް އޮފީސް
  • ހަކަތަ އުފެއްދުމުގެ އާ ނިޒާމުތައް (އަވި، ވައި އަދި އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް) ގާއިމުކޮށް ބޭނުންކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ، ޒަމާނީ ތަރައްގީއާއެކު ބައްޓަންވަމުން އަންނަ މުސްތަގުބަލަށް މުވައްޒަފުން ތައްޔާރުކުރުން.
  • މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް އުފެއްދުމަށްޓަކައި، މަސައްކަތުގެ މާހައުލާ ގުޅޭ ޒަމާނީ މިންގަނޑުތައް މުވައްޒަފުންނަށް ދަސްކޮށްދިނުން.
  • ޒުވާނުންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށް ސްކޫލްތަކާއި ޔުނިވަސިޓީތަކާ ގުޅިގެން މަސައްކަތްކުރުން.
  • މި މަރުކަޒުގައި ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން އިލްމު ފޯރުކޮށްދޭނެ އިންހައުސް ޓްރެއިނަރުންތަކެއް އުފެއްދުން.
  • އީޖާދީ ފަންނިއްޔާތަށް ހިތްވަރުދިނުމުގެ ގޮތުން އާ އީޖާތުތައްކޮށް، އެތަކެތި ތަހުލީލުކޮށް، އޭގެ މަސައްކަތްކުރާނެ މަންސައެއް ގާއިމްކޮށްދިނުން.
  • ސްޓެލްކޯގެ އިތުރުން އެހެނިހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ، އަތޮޅުތެރޭގެ ޔޫޓިލިޓީ ދާއިރާގެ ސަރަހައްދީ އިލްމީ މަރުކަޒެއްގެ ގޮތުގައި މަސައްކަތްކުރުން.