ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލި މީހާ އެކަމަށް އެއްބަސްވެއްޖެއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވާހާރަކޮށްލި ކަމަށް އެއްބަސް ވެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 45 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ އެ ގައުމުގެ ކޯޓެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓެޓްސުުޔާ ވަނީ އޭނާ ޝިންޒޯއަށް ހަމަލާދިން ކަމަށާއި އެއީ ތެދެއްކަމަށް ބުނެ އެކަމަށް އެއްބަސް ވެފައެވެ.

ޖަޕާނުގެ ނަރާ ޑިސްޓްރިކްޓުގެ ކޯޓުގައި ކުރިޔަށް ދިޔަ އެ އަޑުއެހުމުގައި އޭނާ ވަނީ ޝިންޒޯ އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ އޭނާ އަމިއްލައަށް ގޭގައި އުފެއްދި ބަޑިއަކުން ޖަހައިގެން ކަމަށްވެސް ބުނެފައެވެ.

ޝިންޒޯ އަވަހާރަކޮށްލީ 2022 ވަނަ އަހަރުގެ ޖުލައި މަހު ޖަޕާނުގެ ހުޅަނގު ނަރާ ސިޓީގައި ކުރިޔަށް ދިޔަ ކެމްޕެއިން ހަރަކާތެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަނިކޮށް ބަޑިންް ދިން ހަމަލާއެއްގައެވެ.

ތަހުގީގުން ވަނީ ޓެޓްސުޔާ އެ އަމަލު ހިންގާފައިވަނީ އޭނާ ގަބޫލުކުރާ ދީނީ ކަންކަމުގެ ސަބަބުން ޝިންޒޯއާ މެދު ހިތްހަމަނުޖެހި އެކަމުގެ ރުޅީގައި ކަމަށް ފާހަގަވެފައެވެ.