ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ގޯތިތައް އެގޮތަށް ދިނުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށާއި ބަދަލު ދިނުމަށްފަހު އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށެވެ.

ފަލާހު ވިދާޅުވީ އެއީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން ކަމަށާއި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ފާޅުކުރައްވާ ޝުއޫރެއް ކަމަށެވެ.

"އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދުކުރައްވާނެ ކަމަށެވެ.

"އެކަކަށް ފްލެޓް މިދެނީ ފައިސާ ދައްކާ ގޮތަށް. ބޮޑު ސިންގާ 1،200 އަކަފޫޓުގެ ބިމެއް މި ދެނީ ހިލޭ. ކޮން ކަހަކަ އިންސާފެއް މިއީ،"

ފަލާހު ވިދާޅުވީ ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިއަން ރުފިޔާ ޖެހޭނެ ކަމަށާއި އަދި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާ ދައްކަން ކަމަށެވެ. ދައުލަތަށް އެ ބިންތަކުން 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.