ކ. ކާށިދޫ ސިއްހީ މަރުކަޒަސް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކާށިދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ކާށިދޫ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

28 އޮކްޓޯބަރު 2025: ކ. ކާށިދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން --- ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން 3،550 އަކަފޫޓުގެ ސަރަހައްދެއްގައި ނުވަ އެނދުގެ އިމާރާތެއް ހެދުން، ބިންގަނޑު އެއްވަރު ކުރުން، ކޮންކްރީޓް މަސައްކަތް، މޭޝަނަރީ މަސައްކަތް، ޓައިލްސް ޖެހުން، ދޮރާއި ކުޑަދޮރު ހަރުކުރުން، ދަވާދުލުން، ދަގަނޑު މަސައްކަތް، ފެންހިންދާ ނިޒާމެއް ހަރުކުރުން، ކަރަންޓުގެ މަސައްކަތް، މެޑިކަލް ގޭސް ނިޒާމެއް ހަރުކުރުން، އެއާ ކޮންޑިޝަން ހަރުކުރުން، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 7.05 މިލިޔަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމައި، ހަވާލުކުރާގޮތަށެވެ.

2688 މީހުންގެ އާބާދީއެއް އޮންނަ ކާށިދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ސިއްހީ ހިދުމަތް ރަނގަޅުވެގެން ދިއުން ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުންޏެވެ.