ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެރޭ ފަތިހު ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރިގަތް މީހުން އިއްޔެ ހެނދުނު ކ. ހުރަޔަށް ގޮސް، ތިބި ގެސްޓުހައުސް ތެރޭގައި ޑޮލަރު ގުނާތަން ސީސީޓީވީ އަށް އަރާފައިވާ ކަން "ވަން" އަށް އެނގިއްޖެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް އިއްޔެރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.
ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ.
ފުލުހުން އިއްޔެ ވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުންނާއި އެ މީހުން ފިލަން މަސައްކަތް ކުރި ލޯންޗު ހޯދައިފައެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ފިލަން ދިޔައީ ކ. ހުރަޔަށެވެ. އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހުރަޔަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ. އެ މީހުން ހުރައަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 9:00 ޖަހާކަންހާއިރު އެވެ. އެހެންކަމުން އެއާޕޯޓުން ޑޮލަރު ފޭރިގެން އެ މީހުން ފުރަތަމަ ދިޔަ ތަނެއް ސާފެއް ނޫނެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުން އަދިވެސް ތިބީ ހުރާގައެވެ. އެކަން ފުލުހުންވެސް ދޮގެއް ނުކުރެއެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި އާއްމުކޮށްފައި ނުވާއިރު އޭގެ ތެރޭގައި ކ. ގުރައިދޫ ދެ މީހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް