މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި ޖުމުލަ 800 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ، 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި އާބާދީ ބޮޑު ރަށްރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެގޮތުން ނައިފަރަކީ ވެސް އެ މައްސަލައާ ކުރިމަތިލަމުންދާ ރަށެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ނައިފަރުގައި 400 ހައުސިން ޔުނިޓު ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން މިރޭ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ވެސް 100 ހައުސިން ޔުނިޓުގެ މަސައްކަތް ދާދި އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޭގެ އިތުރުން ވެސް 400 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާއި އެހެންކަމުން މި ދައުރުގެ ތެރޭގައި ޖުމުލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް ނައިފަރުގައި ފެށިގެންދާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ޔުނިޓުތަކެއްގެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.