ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހއ. ދިއްދުއަށް ވަޑައިގެންފިއެވެ.
ޔާމީން ދިއްދުއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ.
އެ ހަފުލާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ހއ. އަތޮޅު ކައުންސިލުން އެންމެ ފުރަތަމަ ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. ނަމަވެސް އެ މަނިކުފާނުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައި ނުވެއެވެ. އެހެންވެ ހއ. އަތޮޅު ކައުންސިލުން ދެން ދައުވަތު ފޮނުއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށެވެ. ނަމަވެސް ނައިބު ރައީސްވެސް އެ ދައުވަތު ގަބޫލުނުކުރައްވައެވެ.
އެހެންވެ ހއ. އަތޮޅު ކައުންސިލުން ދެން ދައުވަތު ފޮނުއްވީ ޔާމީނަށެވެ. ޔާމީނު ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ.
ޔާމީން، މިއަދު ދިއްދުއަށް ވަޑައިގެންނެވި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އެ މަނިކުފާނުގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައެވެ.
ކުރިމިނަލް ކޯޓުން، ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މެންދުރު 2:30 އަށެވެ. ނަމަވެސް 2:30 ވާން ކައިރިވެފައި ވަނިކޮށް ކުރިމިނަލް ކޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންވެ ޝަރީއަތް ފެށޭގޮތް ވަނީ ނުވެފައެވެ.
ކަރަންޓު ނެތް ނަމަވެސް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކުރިމިނަލް ކޯޓުން ވަނީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައެވެ. އެފަހުން ކުރިމިނަލް ކޯޓުން ބުނީ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ޝަރީއަތް ކެންސަލްކުރީ ކަމަށެވެ.
ކުރިމިނަލް ކޯޓުން ބުނީ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
".ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. ނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ. ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ." ކުރިމިނަލް ކޯޓުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ ފަރާތުން މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން