މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އެ ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގި ޕްރޮގްރާމްތަކެއް ކަމަށެވެ.

"މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ..،" އެމްއޭސީއެލުން ބުންޏެވެ.

27 އޮކްޓޯބަރު 2025: އެމްއޭސީއެލުން ސްކޫލު ދަރިވަރުން އެ ކުންފުނީގެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން --- ފޮޓޯ/ އެމްއޭސީއެލް

އޭގެ އިތުރުން އެމްއޭސީއެލްގެ އޮޕަރޭޝަންތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް, އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށެވެ.