ވަގުފާ ބެހޭ ގާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ވަގުފް މަޝްރޫއުތަކަކީ އިސްލާމީ ހަލާރަތުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ. ޝަހީމް ވިދާޅުވީ އިސްލާމީ ހަލާރާތް އެކި ޒަމާންތަކުގައި ކުރިއަރާ ދިއުމަށް ވަގުފް މަޝްރޫއުތަކުގެ ދައުރު އިސްލާމީ ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މާތް ﷲ އިރާދަކުރެއްވިއްޔާ ވަގުފާ ބެހޭ ގާނޫނެއް ވުޖޫދު ކުރުމަށް. މި ގާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަގުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެެ އެކިކަންކޮޅުތަކުގައި ވަގުފް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި ކަމަށެވެ.

އަތޮޅު އަދި ސިޓީ ވަގުފް މަޝްރޫއުތަކުގެ މަގުސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫއުތަކުން ހަރަދުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަގުފް ފަންޑު ހެދުން ކަމަށެވެ.