އަލުން ޑިޒައިންކޮށް ހެލިކޮޕްޓަރު ހިދުމަތް ދޭން ހުށަހެޅުމަށް، މި އަހަރު ތެރޭގައި އަލުން ހުޅުވައިލައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، މިދިޔަ މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފައްތަވާނެ ކަމަށް މީގެ ކުރީން ވިދާޅުވި ނަމަވެސް އަދިވެސް ހިދުމަތް ފެށިފައިނުވާ މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ 25 އަހަރު ކުރީން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރި ނަމަވެސް އޭރު ހިނގި ހިތާމަވެރި ތިން ހާދިސާއަކާ ގުޅިގެން އެ ހިދުމަތް ހުއްޓާލީ ކަމަށެވެ.

އޭރު ހެލިކޮޕްޓަރު ދުއްވީ، ބަލްގޭރިއަން އޮޕަރޭޝަނެއްގެ ދަށުން ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ މާ ބޮޑު ބައިވެރިވުމެއް އޮވެގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް ދުނިޔޭގެ އެންމެ ކުރިއަރާފައި އޮތް އޮޕަރޭޝަން ސޭޕްޓީ އޮޑިޓް، ނޫނީ އެެސެސްކެމްޓް ހަދާ ގައުމެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ސީއޭއީން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއްތޯ ބެލުމަށްޓަކައި ހެދި ސޭފްޓީ އޮޑިޓްގައި، ރާއްޖޭގައި ޒަމާނީ އަދި ވަކި މިންގަނޑަކަށް ފެތޭ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަކީ ސަލާމަތީ ގޮތުން އެންމެ ރަނގަޅު ނިންމުމެއްގެ ގޮތުގައި އެ އެސެސްމެންޓް ރިޕޯޓް ލިބިފައިވަނީ." އަމީން ވިދާޅުވިއެވެ.

އެއާ ގުޅިގެން ވަކި މިންވަރެއްގެ ސިއްހީ މައްސަލަތަކާ ގުޅޭ ދަތުރުތައް ހިލޭ ކުރާ ގޮތަށް، ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ގާތްގަނޑަކަށް 36 ކުންފުނި މިކަމަށް އިންސްޓްރެސްޓް ފާޅުކުރި ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާ ލިބޭނެ ކޮންބިނޭޝަނެއް ނެގުމަށް އެ ޕްރޮޕޯސަލްގައި އަޅުގަނޑުމެން ލައިފައި ހުރި ލިމިޓޭޝަންއާ ބެހޭގޮތުން ހުރިހާ ފަރާތަކުންވެސް މަޝްވަރާ ކުރި، އެ ހިދުމަތުގައި ހިލޭ ދަތުރުތަކުގެ ގޮތުގައި ހިމެނޭ ދައުލަތަށް ބޭނުންވާ ބައި ތަންކޮޅެއް ބޮޑުކަމަށް ފާހަގަކުރި، އެހެންކަމުން އަޅުގަނޑުމެނަށް ޖެހުނީ އެ ޕްރޮޕޯސަލްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހުއްޓާލަން،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ ޕްރޮޕޯސަލް ރީ ޑިޒައިންކޮށް މި އަހަރު އެކަަމަށް އަލުން ހުޅުވައިލައްވާނެ ކަމަށެވެ.

"ގާނޫނީ އިމުގެ ތެެރެއިން އެ އާރުއެފްޕީ ނިމުމަކަށް ގެނެސްފިން، އެކަމަކު އަޅުގަނޑުމެނަށް ފުރަތަމަ މި އެޓެންޑް ކުރެވުނު ތަޖުރިބާއަށް ބަަލައިފަ ބަދަލުތަކާ އެކީ މިއަހަރު ފަހުކޮޅު އަލުން ހުޅުވާލައިގެން އަހަރެއްހައި ދުވަސްތެރޭގައި މިކަންތައް ކާމިޔާބު ކުރެވޭނެ ޔަގީންކަން އެބައޮތް،" އަމީން ވިދާޅުވިއެވެ.